ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު، ފުލުހުންގެ ހިދުމަތުުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ.
އެކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގް ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ.
މި ރަސްމިއްޔާތުގައިި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީންއާއި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ކޮމިޝަނާގެ އާއިލާ މެންބަރުން ބައިވެރިވެލެއްވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ހިދުމަތުގައި މި ހޭދަކުރެއްވި ދުވަސްތަކުގައި އެކި މަސައްކަތްތަކުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ކޮމިޝަނާ އޮފް ޕޮލިސްއަށް ޝަރަފުގެ ހަނދާނީ ފިލާ އަދި ރިޓަޔާމަންޓް ކާޑު ވަނީ އަރުވާފައެވެ.
ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮމިޝަނަރުންނަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ފިލައެކެވެ. މި ހަނދާނީ ފިލާގައި ހިމެނެނީ ކޮމިޝަނާއަށް ލިބިވަޑައިގެންފައިވާ ކުލަތަކާއި، މެޑަލްތައް އަދި ކޮމިޝަނާ އޮފް ޕޮލިސްގެ ޔުނިފޯމުގައި ހިމެނޭ އައިޓަމްތަކުގެ އިތުރުން ފުލުހެއްކަން އަންގައިދޭ ކާޑެވެ.
ރިޓަޔާމަންޓް ކާޑަކީ ޝަރަފުވެރިކަމާއެކު ރިޓަޔާކުރައްވާ ކޮންމެ ފުލުހަކަށް ވެސް ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އަރުވާ ކާޑެކެވެ. މި ކާޑަކީ ފުލުހުންގެ މުއައްސަސާއިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވި ބޭފުޅެއްކަން އަންގައި ދިނުމަށާއި، ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ބޭނުންފުޅު ކުރެއްވޭނެ އައިޑެންޓިފިކޭޝަން ކާޑެކެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތުމުގެ ކުރިން ތައުލީމީ ދާއިރާއަށް އަށް އަހަރު ދުވަހު ހިދުމަތްކުރައްވާފައިވެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ރޭންކުތަކުގެ ތެރެއިން ކޮމިޝަންޑު ރޭންކަށް ކޮމިޝަނާ އަލީ ޝުޖާއު އިސްކުރެވުނީ 2008 ވަނަ އަހަރުއެވެ. އެއަށްފަހު ފުލުހުންގެ ތަމްރީން، އޮޕަރޭޝަންސް، އިންޓެލިޖެންސް، އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ފުލުހުންގެ ހިދުމަތުގެ ތެރޭގައި ލީޑާޝިޕް އަދި މެނޭޖްމަންޓް މަގާމުތައް ފުރުއްވާފައިވެއެވެ. އަދި ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ޕްރޮފެޝަނަލް ފޯރަމްތަކުގައި ދިވެހިރާއްޖޭގެ ސަރުކާރާއި ފުލުހުންގެ ހިދުމަތް ތަމްސީލު ކުރައްވާފައިވެއެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެއްވީ 2023 ޑިސެމްބަރު 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.