ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްވަރެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
އެ އިދާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، މި ދުވަސްވަރަކަީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށެންދާ ދުވަސްވަރު ކަމުން ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަ ވިލާތައް ދެކުނުގެ އަތޮޅުތަކަށް އަރަމުންދާ ކަމަށެވެ.
އަދި ވޭތުވެދިޔަ 24 ގަޑިިރުވެސް ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަ ވެފައިވާ ކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ތިން ދުވަހު (6-8 މެއި) ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ވެސް ބައެއް ހިސާބުތަކުގައި އާންމު ވައި ގަދަވުމުގެ އިތުރުން ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ. އެހެންކަމުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފު ކުރުމަށްފަހު ނޫނީ ދަތުރުފަތުރު ނުކުރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އެދިފައެވެ.