ހ. ފެންޓެނޯއީގޭ ނުވަވަނަ ފަންގިފިލާއިން މި މަހުގެ 18 ވަނަ ދުވަހުގެރޭ ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ ކުރަން ޖެހުނު އެންމެ ނުރައްކާތެރި އޮޕަރޭޝަން ކާމިޔާބު ކަމަށް އާއިލާއިން ބުނެފިއެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަން އޭނާ މެލޭޝިޔާއަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހެވެ.
ޔުމްނުގެ އާއިލާއިން ބުނީ، ޔުމްނުގެ ކަރާ ދިމާލުން މައިބަދައިގެ ކަށިގަނޑުގައި ރެނދެއް ލާފައިވާތީ އިއްޔެ އޭނާގެ އޮޕަރޭޝަނެއް ކޮށްފައިވާކަމަށެވެ. މިއީ ޔުމްނު ކުރަންޖެހޭ އެންމެ ނުރައްކާތެރި އޮޕަރޭޝަންކަމުގައި އާއިލާއިން ވަނީ ފާހަގަކޮށްފައެވެ. ދެން މި ފަދަ ނުރައްކާތެރި އޮޕަރޭޝަނެއްކުރަން ނުޖެހޭނެކަން ހާމަކޮށް ޔުމްނުގެ އާއިލާއިން ބުނީ ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ، ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާއަށް އިށީނދެ އިނދެވޭނެ ކަމަށެވެ.
ޔުމްނަށް ފަރުވާ ދޭނެ ކަމަށް ވަނީ މެލޭޝިއާގެ ވެރިރަށް ކުއާލާ ލަމްޕޫރުގައި ހުންނަ ޕަންޓާއީ ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލްގެ ލިޔުމުގައިވާ ގޮތުން، ޔުމްނުގެ ބުރަކަށްޓާއި ފައިގެ ކަށިތަކާއި މޭ ކަށިތައް ބިންދައިގެން ގޮސްފައިވެއެވެ.
ޔުމްނުގެ މުޅި ފަރުވާއަށް 250،000ރ ހަރަދުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ވެސް، މެލޭޝިއާގެ ހޮސްޕިޓަލްގެ ލިޔުމުގައި ވެއެވެ.