ފުރާޅަށް އަންހެނަކު ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، ކ. މާލެ، ގ. ރަނައުރާގެއާގެ އާއެކު އުޅުނު އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް، އެރިޔަދުގެ ތަހުގީގަށް އެއްބާރުލުން ނުދޭ މައްސަލައިގައި ހައްޔަރު ކުރަން ކޯޓު އަމުރަކަށް ފުލުހުން އެދިއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، ޔުމްނު އާއި ރައުދުގެ ލެބް ރިސަލްޓް އިން ދައްކާ ގޮތުގައި ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މި ހާދިސާގައި ކަން ހިނގާފައިވާ ގޮތަސް ބަލާއިރު ކެނަބިސް ބޭނުން ކުރި މީހަކު މި މިންވަރަށް މަސްތުވެފައި ހުރެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ނަވީން ވިދާޅުވިއެވެ. އެހެންކަމުން އެ ސާމްޕަލް ތަކުގެ އިތުރު ޓެސްޓްތައް ހެދުމައްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ނަވީން ވިދާޅުވިއެވެ.

މި ހާދިސާ ހިނގި ގޭ ހ. ފެންޓެނޯއީ ގެއިން ނަގާފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ މަންޒަރުތަކުން ޔުމްނު ލައިގެން ހުންނަ ޓީޝާޓް ބޭލުމަށް ފަހު ރައުދު ލައިގެން ހުރި ޓީޝާޓް ބާލައި އެ ޔުމްނު ލާ މަންޒަރު ފެނެއެވެ. އެ ޓީޝާޓް ވެސް ވަނީ ޑިއެންއޭ ސާމްޕަލް ނެގުމަށް ލެބްަށް ގެންގޮސްފައި ކަމަށް ނަވީން ވިދާޅުވިއެވެ.

ރެއާ ހަމައަށް ރިވިއު ޓީމުން ކުރި މަސައްކަތުން އެނގިފައިވާ ގޮތުގައި އެއްބާރުލުން ދިނުމުގެ މައްސަލަތަކެއް ރައުދުގެ އެބަހުރިކަން ފާހަގަ ވެފައިވާ ކަމަށާއި އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރަކަށް އެދިފައިވާ ކަމަށް ނަވީން ވިދާޅުވިއެވެ.

މިހާތަނަށް އައި އިރު ރައުދުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު މި ހާދިސާގައި ހިމެނޭ އެންމެންގެ ޕާސްޕޯޓް ވެސް ފުލުހުން ވަނީ ހިފަހައްޓާފައެވެ. ހަމައެއާއެކު ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޮ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން، އެ މަގާމުން ވަނީ ވަކިކޮށްފައެވެ. އަދި ސެކްރެޓެރީ ފޮ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު ވެސް މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން އެ މަގާމުން ވަނީ ސަސްޕެންޑް ކޮށްފައެވެ.

ހެންވޭރުގެ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި މައްސަލައާ ގުޅިގެން ރޭ ހެންވޭރު ޕޮލިސް ސްޓޭޝަން ކުރިމައްޗަށް ގިނަ އަދަދެއްގެ ޒުވާނުން އެއްވެ ވަނީ އިހުތިޖާޖެއް ވެސް ހިންގާފައެވެ. އެ ޒުވާނުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ވަކި ބަޔަކަށް ވަކި ގޮތަކަށް ފުލުހުން އަމަލު ކުރާ ކަމާއި މި ކޭސްގައި ބައިވަރު ކަންކަން ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެފައި ވެއެވެ. ވެއްޓުނު އަންހެން މީހާ މަރުވާން ދޫކޮށްލާފައި އެ ފިރިހެން މީހާ ދިއުމަކީ އޭނާ ހައްޔަރު ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި މި މައްސަލައާ ގުޅިގެން އިސް މީހަކު އިހުތިޖާޖުގެ ބައިވެރިންގެ ސުވާލުތަކަށް ޖަވާބުދާރީ ވުމަށް ވެސް ވަނީ ގޮވާލާފައެވެ.

މި ހާދިސާއާ ގުލީގެން މިއަދު ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާ އިރު، މި މައްސަލައިގައި ފުލުހުންނަށް އަމާޒުވެފައިވާ ތުހުމަތުތަކާއި ގުޅިގެން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ފުރިހަމަ ތަހުގީގެއް ހިންގުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވަނީ މި ހާދިސާއާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނަށާއި ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމާ ސުވާލުކުރަން ހުށަހަޅާފައެވެ.