އައްޑޫ ސިޓީގައި އަޅާފައިވާ ހަންކެޑެ ބްރިޖު ނުހުޅުވި ލަސްވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މީގެ 4 މަސްކުރިން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގައި ހަންކެޑެ ބްރިޖު ވަނީ އިފްތިތާހުކޮށްފައެވެ. އޭރު އައްޑޫ ސިޓީ ކައުންސިލުން ވަނީ 2024 ވަނަ އަހަރު ޑިސެމްބަރު މަސް ތެރޭ ހަންކެޑެ ބްރިޖު ހުޅުވޭނެކަމަށް ބުނެފައެވެ.
އެހެންނަމަވެސް 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނީ ބްރިޖު ހުޅުވޭނެ ރަސްމީ ތާރީހެއް އަދި ބުނަން ނޭގޭ ކަަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ބްރިޖުގެ އެންމެ ފަހުގެ މަސައްކަތްކަމަށް މިނިސްޓްރީން ބުނި ނަމަވެސް އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ހަންކެޑެ ބްރިޖުގެ މަސައްކަތާއި ގުޅޭ ގޮތުން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން މޭޔަރު ވިދާޅުވީ ބްރިޖްގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮންޓްރެކްޓަރުންކޮށް ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް ބްރިޖު ނުހުޅުވި ލަސްވާ ސީދާ ސަބަބެއް ކައުންސިލަށްވެސް ނޭގޭ ކަަމަަށާއި މިކަމައި ގުޅޭ އެއްވެސް މައުލޫމާތެއް މިނިސްޓްރީން ކައުންސިލާއި ހިއްސާކޮށްފައި ނުވާކަމަށެވެ.
މީގެ އިތުރުން ނިޒާރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ބްރިޖް ހުޅުވުމާއި ވީރާނާވެފައިވާ ލިންކްރޯޑް އަލުން ހެދުމާއި، ހަންކެޑެ ސަރަހައްދުގައި ހަދާފައިވާ ވަގުތީ ވެލި މަގު މަރާމާތު ކުރުމުގެ ޒިންމާ އޮތީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިނފްރާސްޓްރަކްޗާއަށް ކަމަށެވެ. އަދި މިމަސައްކަތް ތަކަކީ އައްޑޫ މަގުހެދުމުގެ މަސައްކަތުގައި ހިމެނޭ މަސައްކަތްތަކަށް ވާއިރު ކައުންސިލްއިން މިމަސައްކަތްތައް އަވަސްކުރުމަށް ތަކުރާރުކޮށް އެދެމުންދާކަމަށް ނިޒާރު ވިދާޅުވިއެވެ. އިތުރަށް ނިޒާރު ވިދާޅުވީ އެހެންނަމަވެސް މިނިސްޓްރީން މި މަސައްކަތްތަކާއި ގުޅޭ އެދެވޭ ޖަވާބެއް ލިބިފައި ނުވާކަމަށެވެ.