އައްޑޫ ސިޓީ ފޭދޫގައި ހަށިވިއްކަމުން ދިޔަ ބަޔަކު އިއްޔެ ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ފޭދޫގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެ ރަށުގެ ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި މިތަނުން ދިވެހި ދެ ފިރިހެނުންނާއި ތައިލޭންޑުގެ ތިން އަންހެން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފޭދޫ އިން ވާހަކަދެއްކި މީހަކު ބުނީ އެތަން ބަލާ ފާސްކޮށް ބައެއް ސާމާނުތައް ވެސް ފުލުހުން ގެންގޮސްފައިވާކަމަށެވެ. އެހެންނަމަވެސް އެއީ ކޮން އެއްޗެއްކަން ސާފުނުވާކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

މިދިޔަ މާޗް މަހުވެސް އައްޑޫގައި ހަށިވިއްކަމުން ދިޔަ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ދެ ތަނެއް ބަލާ ފާސްކޮށް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ގޮތުން ހިތަދޫގައި ހިންގި އޮޕަރޭޝަނުގައި ގެއެއް ބަލައި ފާސްކޮށް ދިވެހި 2 ފިރިހެނުންނާ ތައިލޭންޑުގެ 03 އަންހެނުން ވަނީ ހައްޔަރުކޮށްފައެވެ. އަދި މަރަދޫގައި ހިންގި އޮޕަރޭޝަނުގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއް ބަލައި ފާސްކޮށް ވެހި ފިރިހަނަކާ، އިންޑިއާ ފިރިހެނެއްގެ އިތުރުން ތައިލޭންޑުގެ 2 އަންހެނުން އަދި މިޔަންމާގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ.