ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އައިޑެންޓިފިކޭޝަން ދެނަގަތުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގެ އަމާޒަކީ އެފަދަ ފަރާތްތައް ދެނެގަނެ، ގަވާއިދުގެ ތެރެއަށް ފެއްތުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

އިހްސާން މިފަދައިން ވިދާޅުވީ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި، ކާކުކަން ދެނެގަތުމުގެ މަސައްކަތް ފެށުމަށް ހިންމަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އިހްސާން ވިދާޅުވީ މިއަދު ފެށި އޮޕަރޭޝަންގެ ވިސްނުމަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިފާ ހައްޔަރުކޮށް ބޭރަށް ފޮނުވާލުން ނޫން ކަމަށެވެ. އަދި މި އޮޕަރޭޝަންގެ އަމާޒަކީ އެފަދަ މީހުންތައް ދެނެގަނެ، އެ މީހާގެ އައިޑެންޓިޓީ ކަށަވަރުކުރުން ކަމަށާއި މި އޮޕަރޭޝަންގައި އެ މީހާ ލީގަލައިޒް ކުރެވޭނަމަ އެކަން ކޮށްދެއްވާނެ ކަމަށެވެ.

ވޭތުވެދިޔަ 5 މަހުގެ ތެރޭގައި މިކަމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިއިވާކަން ފާހަގަ ކުރައްވާ އިހްސާން ވިދާޅުވީ މި މައްސަލައިގެ އަސްލު ދެނެގަނެވިފައިވާ ކަމަށެވެ. އަދި މައްސަލަ ދާއިމީކޮށް ހައްލު ކުރާނެ ގޮތުގެ ޕްލޭންއެއް ކަނޑައެޅި މިއަދު ފެށި އޮޕަރޭޝަންއަކީ މުޅި ދިވެހިރާއްޖޭގައި ކުރިއަށްގެންދާނެ މަސައްކަތެއް ކަމަށެވެ.

މި މައްސަލައަށް ހައްލު ހޯދުމަށް ކުރިއަށް ގެންދާ މި މަސައްކަތަކީ ޖުމްލަ 3 އަހަރު ދުވަހުގެ މަސައްކަތެއް ކަމަށް އިހްސާން ވިދާޅުވިއެވެ. އަދި ފުރަތަމަ 1 އަހަރު ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ މަސައްކަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން އަންނަ ބިދޭސީން ހޯމް މިނިސްޓްރީގެ ސިސްޓަމްގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިހްސާން ވިދާޅުވީ ފުރަތަމަ އަހަރުގެ މަސައްކަތް ނިމޭއިރު ރާއްޖޭގައި ތިބީ ކޮން ގައުމުތަކެއްގެ ބިދޭސީންނެއްތޯ އަދި މަސައްކަތް ކުރަނީ ކޮންތާކުތޯ ފަދަ ހުރިހާ މައުލޫމާތެއް ސިސްޓަމްއަށް ނެގޭނެ ކަމަށެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ނުކުންނަ އިޖުތިމާއީ މައްސަލަތަކާއި އެކަމުގެ ސަބަބުން ދައުލަތަށް ކުރިމަތިވަމުން އަންނަ ސެކިއުރިޓީ މައްސަލަތަށް ބޮޑުކަން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

އިހްސާން އިތުރަށް ވިދާޅުވީ މި މައްސަލައަކީ ގައުމީ ސަލާމަތަށް އޮތް ސެކިއުރިޓީ މައްސަލައެއްގެ ގޮތުގައި ދެކިލައްވާ ކަމަށާއި މައްސަލަ ހައްލު ކުރަން ވެސް މަސައްކަތް ފަށަނީ އެގޮތަށް ދެކިލައްވައިގެން ކަމަށެވެ. މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ހާއްސަ ހިތޯބުގައި ގަވާއިދާ ހިލާފަށް އުޅޭ (ޖިނާއީ ކުށްތަކަށް އަރައިގެންފައިވާ) ބިދޭސީން 48 ގަޑީރުތެރޭ ބޭރުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.