މ. ދިއްގަރުގެ ފަޅުތެރޭގައި އޮތް ސިނަމަން ރިސޯޓްގެ ލޯންޗެއްގައި އެކަނި ދުއްވާފައި މާލެއައި 14 އަހަރުގެ ފިރިހެން ކުއްޖާ އާއި އެ ކުއްޖާގެ 13 އަހަރުގެ ލޯބިވެރިޔާ ފެނިއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުން ރޭ މި ދެ ކުދިންވެސް ވަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުގެ ބެލުމުގެ ދަށަށް ގެންގޮސް، 14 އަހަރުގެ ކުއްޖާ އާއިލާއާ ހަވާލު ކޮށްފައެވެ.

ނަމަވެސް މިކަމާ ސުވާލު ކުރުމުން މިއަދާ ހަމައަށް ރަސްމީ އެއްވެސް ޖަވާބެއް ނުދީ ފުލުހުން ބުނަމުން ދަނީ 'ބަލާލައިފައި ދަންނަވާނެ' ކަމަށެވެ.

މިކަމާ ގުޅިގެން ދިއްގަރުގެ ކައުންސިލު މެންބަރަކު ވިދާޅުވީ އޭނާ ފިލައިގެން ގޮސްފައިވަނީ އިއްޔެ ހެނދުނު ކަމަށާއި ލޯންޗު ބަނދަރުގައި ނެތިގެން އޭގެ ފަޅުވެރިން ރިޕޯޓުކުރި ފަހުން، ކުއްޖާ ގެއްލިގެން އުޅޭ ކަމަށް އެ ކުއްޖާގެ އާއިލާއިން ހެނދުނު ރިޕޯޓު ކުރި ކަމަށެވެ. މި ފިރިހެން ކުއްޖާ މާލެ އައީ އެ ކުއްޖާ މަންމަގެ ފޯނުގެ އިތުރުން އައިޑީ ކާޑާއި، ބައެއް އަންނައުނުވެސް ހިފައިގެންނެވެ.

ދިއްގަރުން ލޯންޗެއް ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާއެކު ފުލުހުން ވަނީ އެ ލޯންޗު ހޯދުމުގެ މަސައްކަތް ފަށާފައެވެ. ފުލުހުން ބުނީ އިއްޔެ އެ ލޯންޗު ފެނިފައި ވަނީ ހުޅުމާލެ އެމްޓީސީސީ ފެރީ ޓާމިނަލް ފަޅުގައި އޮއްވާކަމަށެވެ. އެހެންނަމަވެސް މި މައްސަލައާއި ގުޅިގެން އަދި ފުލުހުންގެ އިތުރު އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވާއިރު މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

14 އަަހަރުގެ ކުއްޖާ މާލެ އައި ހާދިސާގެ ވާހަކަތައް އެކި މީޑިއާތަކުގައި އެކި ގޮތަށް ފެތުރެމުން ދާ އިރު، އޭނާ މާލެ އައީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖާއަށް ގެވެށި އަނިޔާ ލިބޭތީ ސަލާމަތް ކުރަން ކަމަށް ރިޕޯޓު ކޮށްފައި ވީ ނަމަވެސް އެކަން "ދަ ޕްރެސް" ގެ މަސްދަރުތަކުން ކަށަވަރު ކުރެވިފައެއް ނުވެއެވެ.