މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ، ސުކޫލު ބަންދާ ދިމާކޮށް ޕާސްޕޯޓުގެ ހިދުމަތަށް އެދޭ ފަރާތްތައް ގިނަވެފައިވުމުން، މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތުން އިމުގަ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދެވޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދިނެވެ. އަދި ކިއުބީ މެދުވެރިކޮށް ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 08:30 އިން ހަވީރު 05:00 އަށް ކަމަށް ވެއެވެ.

އަދި މެންދުރު 12:00 އިން 12:45 އަށް ނަންބަރު ދޫކުރުން މެދު ކެނޑޭނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ މައުލޫމާތު ދީފައެވެ. ކޮންމެ ސުކޫލު ބަންދަކީވެސް ގިނަ އަދަދެއްގެ ބަޔަކު ޕާސްޕޯޓުގެ ހިދުމަތަށް އެދޭ ދުވަސްވަރެއްކަން ފާހަގަ ކޮށްލެވެއެވެ.

އާންމުންނަށް ފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އިމިގްރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކެނޑިނޭޅި ކުރަމުންނެވެ. އެގޮތުން މެޑިކަލް އެމަޖެެންސީގައި ޕާސްޕޯޓަށް އެދޭ ފަރާތްތަކުގެ އިތުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިމްތިޒާމު ވަނީ ހަމަޖައްސާދީފައެވެ.

އަދި ހަމައެހެންމެ ރާއްޖޭގެ ހުރިހާ ސިޓީ ތަކަކުން ޕާސްޕޯޓް އަވަހަށް ލިބޭނެ އިންތިޒާމުތައް ވެސް އިމިގްރޭޝަނުން ހަމަޖައްސާފައެވެ. އެގޮތުން އިމިގްރޭޝަންގެ ރީޖަނަލް އޮފީސްތައް ހުންނަ ހދ. ކުޅުދުއްފުއްޓާއި ގދ. ތިނަދު އާއި ފުވައްމުލަކުގެ އިތުރުން އައްޑޫ އިން ޕާސްޕޯޓް ދޫކުރުން މިހާރު ދެގުނަ އަވަސްވާނެ ކަމަށް ބުނެއެވެ.

އަދި ވެރިފަރާތަށް ޕާސްޕޯޓް ދޫ ކުރާނަމަ އައިޑީކާޑާ ނުލާ ދޫ ކުރާ ގޮތަށް ހަމަޖެއްސުމުގެ އިތުރުން އިމިގްރޭޝަނުން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް "ޓްރެވެލާ ޑެކްލެރޭޝަން" ފޯމު ނުވަތަ އިމުގަ ފޯމު ފުރަން ނުޖެހޭ ގޮތަށް ވެސް ހަމަޖައްސާފައެވެ.