ރާއްޖޭގެ ދެކުނުގެ އަތޮޅުގެ ރަަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، ގއ. ގދ. ޏ. އަދި ސ. އަތޮޅު ހިމެނޭ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ކޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާނުކޮށް ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ނުވަތަ ނުކުރާކަމެއްވެސް ފުލުހުން ބުނެފައި ނުވެއެވެ. އަދި ކުޑަކުދިންގެ މައްސަލަތަކަކީ ފުލުހުންގެ އިދާރާއިން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ހިނގި ރަށުގައި އާންމުންގެ ބަޔަކު އެރަށުގެ ފުލުސް އޮފިށް ކައިރިއަށް އެއްވެ އިހުތިޖާޖު ކުރަމުން ދާ އިރު އެމީހުން އެދެމުން ދަނީ ޖިންސީ ގޯނާ ކުރި މީހާ ހައްޔަރު ކުރުމަށެވެ.

އާންމުވެފައި ވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުން އާންމުންގެ ގިނަ ބަޔަކު ވަނީ ފުލުސް އޮފީސް ދޮށަށް އެއްވެފައެވެ. އެއާއެކު ފުލުހުން ގެންދަނީ ފުލުހުންގެ އިމާރާތް ހިމާޔަތް ކުރުމަށް ހަރަކާތެރި ވަމުންނެވެ.