މަޖިލިސް އިންތިހާބާ ގުޅިގެން ޖަހާފައި ހުރި ކެމްޕެއިން ކެންވަސްތައް ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގައިފިއެވެ.

ނިމިދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ގިނަ ކެންޑިޑޭޓުންތަކެއް ވަނީ ހުޅުމާލޭގައި ކެމްޕެއިން ބެނާތަކާއި ކެންވަސްތައް ޖަހާފައެވެ.

އެޗްޑީސީއިން ބުނީ އިންތިހާބުތަކާ ގުޅިގެން ހުޅުމާލޭގެ މަގުތަކުގައި ބެނާ އަދި ކެންވަސް ޖެހުމުގެ ފުރުސަތު ހުޅުވާލި ނަމަވެސް، މަގުތަކުގައި ޖަހާ ކެންވަސް އާއި ބެނާތަކުގެ ސަބަބުން، މަގު ބޭނުން ކުރާ އާއްމު ފަރާތްތަކަށް ދަތިކަން ފޯރާ ކަމަށެވެ. މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ބޭނުމަށް ޖަހާފައިވާ ބެނާތަކާއި ކެންވަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް 1 ހަފްތާ ތެރޭގައި ނަގުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ކެމްޕެއިން ބެނާއާއި ކެންވަސް ޖެހުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެގެ ކެންޑިޑޭޓުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެނާ އާއި ކެންވަސް ޖަހާފައިވާކަން ފާހަގަކޮށް އެޗްޑީސީއިން ފާހަގަ ކުރެއެވެ. އެ ފުރުސަތު ދީފައި ވަނީ ހުރިހައި ކެންޑިޓޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރާ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ކެމްޕެއިން މެޓީރިއަލްސް ބެހެއްޓި ތަންތަނުން އެ ތަކެތި ނެގުމަކީ ކެންޑިޑޭޓުންނަށް ލާޒިމް ކަމެއް ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގެ 19 ވަނަ މާއްދާގައި ވެސް ވަނީ ބަޔާންކޮށްފައެވެ.