މިއަދު ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 3305 ސާމްޕަލެއް ޓެސްޓް ކޮށްފައި ވާއިރު، މިއަދު 465 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 193 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 25 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 242 މީހަކާއި ލިވަ ބޯޑުން 5 މީހެކެވެ.
މިއަދުގެ ކޮވިޑް އަޕްޑޭޓް
- މިއަދު ޕޮޒިޓިވްވި އަދަދު: 465
 - ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 146
 - ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 29،835
 - ކޮވިޑް އެކްޓިވް ކޭސް: 4978
 - ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 24،775
 - ކޮވިޑް މަރުގެ ޖުމްލަ އަދަދު: 73
 
މިއަދު 465 މީހުން ޕޮޒިޓިވްވި އިރު އިއްޔެ ވަނީ 318 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިދިޔަ ބުދަ ދުވަހު 464 މީޙަކު ޕޮޒިޓިވްވެފައި ވާއިރު، އަންގާރަ ދުވަހު 386 ކޭސް، ހޯމަ ދުވަހު 328 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މިދިޔަ އާދިއްތަ ދުވަހު 253 މީހަކު ކޮވިޑް ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައި ވާއިރު ހޮނިހިރު ދުވަހު ވަނީ 218 ކޭސް ރިޕޯޓް ކޮށްފައެވެ. ހަމައެއާއެކު ހުކުރު ދުވަހު ވަނީ 318 ކޭސް ރިޕޯޓް ކޮށްފައެވެ.
ރޯދަ މަހު ލުއިތައް ދިނުމާއެކު މާލެ ސަރަަހައްދުގައި ގިނަ ބަޔަކު ހަވީރު ފިންޏަށް ބުރު ޖަހަން ނުކުމެ އުޅޭ އިރު މަޑި އެރުވުމަށް ކުޑަކުދިން ގޮވައިގެން ދަރުބާރުގެ ބިއްދޮށުގައި ވާ ހުސްބިމަށް ގިނަ ބަޔަކު ގޮސް އުޅޭ ތަން ފެނެއެވެ. އަދި ރެސްޓޯރަންޓް ތަކުގައި ރޯދަ ވީއްލުމަށް ބުކިން ހަދައިގެން ދާ މީހުން ވެސް އަންނަނީ މި ދަނޑިވަޅުގައި އިތުރު ވަމުންނެވެ.
