ގެސްޓްހައުސް ހިންގާ ދެ ރަށެއްގެ ދެމެދު ދަތުރުކުރާ އިރު، ކަރަންޓީން ވާން ނުޖެހޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނެރުނު، ފަތުރުވެރިކަމުގެ ދާއިރާގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅަން ޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ ބެހޭ އުސޫލުގައި ބުނެފިއެވެ.
އެ އުސޫލުގައިވާ ގޮތުން، ގެސްޓްހައުސް ހިންގާ ދެރަށެއްގެ ދެމެދު ދަތުރުފަތުރު ކުރާއިރު، އެއްވެސް ރަށެއްގައި ކަރަންޓީން ވާކަށް ނުޖެހޭނެއެވެ. އެ އުސޫލުގައި ވަނީ، ގެސްޓްހައުސްތައް ހުޅުވުމާއެކު، އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމުގައި، ކަރަންޓީނު ވާން ޖެހޭ ހާލަތްތަކާއި، ކަރަންޓީނު ވާން ނުޖެހޭ ހާލަތްތައް ބަޔާންކޮށްފައެވެ.
ކަރަންޓީނު ވާން ޖެހޭ ހާލަތްތައް
- މާލެއިން ގެސްޓްހައުސް ހިންގާ ރަށަކަށް ދަތުރުކުރުން
 - ގެސްޓްހައުސް ހިންގާ ރަށަކުން ގެސްޓްހައުސް ނުހިންގާ ރަށަކަށް ދަތުރުކުރުން (ގެސްޓްހައުސް ހިންގާ ރަށުގައި ކޮވިޑް-19ގެ ކޭސްއެއް ހުއްޓަސް ނެތަސް ކަރަންޓީނުވާން ޖެހޭނެ)
 - ގެސްޓްހައުސް އެއްގައި ހުރުމަށްފަހު މީހުން ދިރިއުޅޭ އެހެން ރަށެއްގައި، މީހުންގެ ތެރޭގައި ދިރިއުޅުމަށް ދަތުރުކުރުން (ގެސްޓްހައުސް ހިންގާ ރަށުގައި ކޮވިޑް-19ގެ ކޭސްއެއް ހުއްޓަސް ނެތަސް ކަރަންޓީނުވާން ޖެހޭނެ)
 
ކަރަންޓީނު ވާން ނުޖެހޭ ހާލަތްތައް
- ގެސްޓްހައުސް ހިންގާ ރަށަކުން މާލެ ދަތުރުކުރުން
 - ގެސްޓްހައުސް ނުހިންގާ ރަށަކުން ގެސްޓްހައުސް ހިންގާ ރަށަކަށް ދަތުރުކުރުން
 - ޒަރޫރީ ބޭނުމެއްގައި ގެސްޓްހައުސް ހިންގާ ރަށަކުން ގެސްޓްހައުސް ނުހިންގާ ރަށަކަށް ދަތުރުކުރުން
 - ގެސްޓްހައުސް ހިންގާ ދެރަށެއްގެ ދެމެދު ދަތުރުކުރުން
 
ޒަރޫރީ ބޭނުމެއްގައި ގެސްޓްހައުސް ހިންގާ ރަށަކުން ގެސްޓްހައުސް ނުހިންގާ ރަށަކަށް ދަތުރުކުރާއިރު ކަރަންޓީނު ވާކަށް ނުޖެހެއެވެ. މިހާލަތުގައި ޒަރޫރީ ބޭނުމެއް ކަމުގައި ބެލެވެނީ، ސިއްހީ ފަރުވާ ހޯދުން، ބަލި ހާލަތުގައި އޮތް އާއިލީ މީހަކަށް ޒިޔާރަތް ކުރުން، ބެންކުން ހިދުމަތް ހޯދުން، ކޮންމެ ދުވަހަކު ސްކޫލަށް ހާޒިރުވުން، މައްސަލަތަކުގައި ކޯޓަށް ހާޒިރުވުމުގެ އިތުރުން، ވިޔަފާރި ބޭނުމަށެވެ. ވިޔަފާރި ބޭނުމަށް ދަތުރުކުރާއިރު، އެ މީހަކާސް ހުއްދަ ލިބިގެން ވަނީ ރަށުގެ ރައްޔިތުން ނޫޅޭ ސަރަހައްދުތަކުގައި ނުވަތަ ބަނދަރު މަތީގައި ހަރަކާތްތެރިވުމަށެވެ.
ޒަރޫރީ ބޭނުމެއްގައި ގެސްޓްހައުސް ހިންގާ ރަށަކުން ގެސްޓްހައުސް ނުހިންގާ ރަށަކަށް ދަތުރުކުރި ނަމަވެސް ސަލާމަތީ ފިޔަވަޅުތައް އަޅަން ޖެހޭނެއެވެ.
- ދަތުރުކުރާ އުޅަނދުގެ މައުލޫމާތު ރަށުގެ ކައުންސިލާ ހިއްސާ ކުރުން
 - ދަތުރުކުރަން ވާނީ ކައުންސިލުގެ ހުއްދަ ލިބިގެން، ދަތުރުކުރާ މީހުންގެ މައުލޫމާތާއި ބޭނުން ކައުންސިލަށް އެނގިގެން
 - ދަތުރުކުރާ އުޅަނދުގެ ވެރިންނަށް އުޅަނދުގައި ދަތުރުކުރާ މީހުންގެ މައުލޫމާތު އެނގުން
 - ސިއްހީ ބޭނުމަށް ދަތުރުކުރާ ފަރާތްތަކަށް ބޭނުންވާ ހުއްދަ ވަގުތުން ވަގުތަށް ދިނުން
 - ހޮސްޕިޓަލުގައި އެޑްމިޓްކުރާ ބަލިމީހާ އަދި އެމީހާގެ އެހީތެރިޔާ ފިޔަވައި އެހެން މީހުން ދަތުރުކުރާ ދުވަހު އެރަށުން ފުރުން
 - ހުރިހާ ވަގުތަކު ގައިދުރުކަން އިސްކުރުން
 - ރަށުގެ ރައްޔިތުންނާއި އެރަށުގައި ތިބި ފަތުރުވެރިންނާއި ބައްދަލުވުން ވީހާވެސް މަދު ކުރުން
 - ދަތުރުވެރިންނާއި ހިދުމަތްތައް ފޯރުކޮށްދޭ މީހުން އަބަދުވެސް މާސްކު އަޅައިގެން ތިބުން
 - ކެފޭ ރެސްޓޯރެންޓުތަކަށް ދާއިރު، ހާމަތަނެއްގައި އެހެން މީހުންނާ ވަކިން ތިބުން، ޑެލިވަރީ އަދި ޓޭކްއަވޭގެ ހިދުމަތް ހޯދުން، ބުފޭގައި އަމިއްލައަށް ކާތަކެތި ނޭޅުން، ގައިދުރުކަން ބެހެއްޓުމާއެކު، ކާން ނޫނީ މާސކްު ނުނެގުން
 - އާންމު ގޭގޭގައި ގެސްޓްހައުސް ހިންގާ ރަށަކުންދާ މީހަކު ހުރި ނަމަވެސް، އެގޭގެ މީހުންނާ އެއް ކޮޓަރިއެއްގައި ނުހުރުމައި، އެއްކޮށް ކައިބޮއެ ނޫޅުން
 - އާންމު ހިދުމަތްދޭ ހުރިހާ ތަނަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮަތަށް އަމަލުކުރުން
 - އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރޭތޯ ބެލުމަށް ރަށުގެ ޓާސްކް ފޯހުން އިންސްޕެކްޓަން ހިންގުން
 
ގެސްޓްހައުސްތައް ހުޅުވާއިރު، މާލެ ސަރަހައްދުން ގެސްޓްހައުސް ހިންގާ ރަށްތަކަށް ދަތުރުކުރާ މީހުންނަށް ގެސްޓްހައުސްގައި ކަރަންޓީނުވުމުގެ ހުއްދައެއް ނޯންނާނެއެވެ. އަދި މާލެ ސަރަހައްދު ނޫން އެހެން ތަނަކުން ގެސްޓްހައުސް ހިންގާ ރަށްތަކަށް ދަތުރުކުރާ މީހުންނަށް ގެސްޓްހައުސްގައި ހުރުމުގެ ހުއްދަ އޮންނައިރު، ރަށުގެ އެހެން ގެތަކަށް ވަނުމުގެ ހުއްދައެއް އެމީހުންނަކަށް ނޯންނާނެއެވެ. މިގޮތަށް އަމަލު ކުރަން ޖެހެނީ ހަމައެކަނި ދިވެހިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނެވެ.
