ހޭލީ ބީބާ އިނީ ބަލިވެކަން ދޭހަވާފަދަ ގޮތަކަށް ޒުވާން ލަވަކިއުންތެރިޔާ ޖަސްޓިން ބީބާ، އިންސްޓަގްރާމްގައި ހިއްސާކުރަމުން ދިޔަ ފޮޓޯތަކަކީ އެއްވެސް ހަގީގަތެއް ނެތް ފޮޓޯތަކެއް ކަމަށާ، އެއީ މީހުން ހައްދާލަން ކުރި ކަމެއްކަން ހާމަކުރުމާ އެކު ގިނަ ބަޔަކު އެ ދެމަފިރިންނާ ދެކޮޅަށް އަޑުއުފުލަން ފަށައިފިއެވެ.
ގިނަ ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ މިފަދަ ހައްސާސީ ކަމެއްގައި ޖޯކު ޖެހުމާއެކު ބައެއް މީހުން ވަނީ ޖަސްޓިން އާއި އޭނާގެ އަނބިމީހާ ހޭލީއަށް ފާޅުގައި އެއްޗިހި ކިއާފައެވެ. އެގޮތުން ދަރިއަކު ނުލިބިގެން ކިތަންމެ ބަޔަކު އުޅެމުންދާއިރު، އެފަދަ ޚަބަރެއް ދީގެން އެފަދަ މީހުންގެ ހިތް ތެޅުވީތީ ގިނަ ބަޔަކު ވަނީ ޖަސްޓިންގެ ދެމަފިރިންނަށް ނަފުރަތު ކުރާކަމަށް ބުނެފައެވެ.
ދަރިމައިނުވެގެން އެތައް މިލިއަން އަންހެނުންނެއް ދުނިޔޭގެ އެކި ހިސާބުތަކުގައި މާޔޫސްވެފައިވަނިކޮށް، ބަނޑުގައި އޮންނަ ދަރިފުޅު ފެންނަ އަލްޓްރާ ސައުންޑް ސްކޭން ފޮޓޯއަކަށް ކުއްތާއެއްގެ ފޮޓޯ އެޑިޓްކޮށްގެން އިންސްޓަގްރާމްގައި އާންމުކޮށް، އަނބިމީހާ ބަނޑުބޮޑޭ ކިއައިގެން ޖަސްޓިން ކުރީކީ މަޖާކަމެއް ނޫންކަމަށް ބުނާ ބަޔަކުވެސް އެބައުޅެއެވެ. މިއީ ހިތާމަހުރި ކަމެއް ކަމަށާ، މިއީ އެދެމަފިރިން ލަދުގަންނަންޖެހޭނެ ކަމެއް ކަމާށްވެސް ބަޔަކު ދަނީ ބުނަމުންނެވެ.
ބަލިވެއިންކަމުގެ ޚަބަރު ދިނުމަކީ ކުރާ ސަމާސާއެއް ނޫންކަމަށާ، ދަރިއަކު ނުލިބި ތިބި މީހުންގެ އިތުރުން ބަލިވެ އިނދެ، އެ ދަރިފުޅުގެ ފެނުމުގެ ނަސީބު ނެތި ބައިގެން ދިއުމުގެ ހިތްދަތިކަން ތަހައްމަލުކުރަމުންދާ ގިނަ ބަޔަކުވެސް ދުނިޔޭގައި އެބަ ދިރިއުޅޭކަން ގިނަ ބަޔަކު ވަނީ ޖަސްޓިންއާއި ހޭލީއަށް ހަނދާންކޮށްދީފައެވެ.